ކ. ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.

އެޗްޑީސީން އިއްޔެކުރި އިއުލާނުގައި ބުނީ ތިލަފުށިން 669.3 އަކަފޫޓުގެ ބިމެއް ކްލިނިކް ހިންގަން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ.

ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 17.5 ރުފިޔާގެ ރޭޓުން މަހަކު 11،712.75 ރުފިޔާ ދައްކަން ޖެހޭއިރު ތިން އަހަރާއި ފަސް އަހަރާ ދެމެދު ދައްކާނެ ކުލި ހުށަހަޅަން ޖެހެއެވެ.

އެ އަގު ހުށަހަޅަން ޖެހެނީ އަކަފޫޓަކަށް ކަނޑައަޅާފައިވާ ރޭޓަށް ވުރެ ކުޑަ ނުވާ ގޮތަށް ކަމަށް އެޗްޑީސީން ބުނެއެވެ.

ކްލިނިކުން އާންމު ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތް ދޭން ޖެހޭއިރު، އެމަޖެންސީ ފަރުވާ އާއި ވެކްސިން ޖެހުމާއި ކުދި އަނިޔާތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމާ އަދި ޓެސްޓުތައް ހެދޭނެ ގޮތް ފަހިކޮށްދޭން ޖެހެ އެވެ. އޭގެ އިތުރުން ފާމަސީއަކުން ބޭސް ދޫކުރަން ވެސް ޖެހެއެވެ.

ކްލިނިކް ތަރައްގީ ކުރަން ގާތްގަނޑަކަށް 435،045 ރުފިޔާ ހޭދަވާނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.

ތިލަފުށީގައި ކްލިނިކެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ކުރިން ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖަހާއިރު އެވެ. އެ ބައްދަލުވުން ބާއްވާނީ ޒޫމް މެދުވެރިކޮށެވެ.

ބިޑާ ގުޅޭ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް sales@hdc.mv މެދުވެރިކޮށް މެއި 7 ވަނަ ދުވަހުގެ 2 ގެ ކުރިން ސުވާލު ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ މެއި 22 ވަނަ ދުވަހުގެ މެންދުރުފަހު 1-2 އާ ދެމެދު އެޗްޑީސީގެ މައި އޮފީހަށެވެ.