ސަންވޭ ގްރޫޕުގެ ފައުންޑަރ އަދި ޗެއަރމަން ޑރ. ޖެފްރީ ޗެއާ އޭއޯ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ ރައީސް މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
އެގޮތުން ރައީސް ވަނީ ވަޒީފާ އަދާކުރަމުން އިތުރު ތަމްރީނު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ގުޅިގެން މިފަދަ ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފައެވެ.
އަދި ފަތުރުވެރިކަމާއި ތައުލީމާއި ސިއްހީ ދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޑރ. ޖެފްރީ ޗެއާ އޭއޯ ވަނީ ސަންވޭ ގްރޫޕްގެ އޮޕަރޭޝަންތަކާއި ތަޖުރިބާ ހުރި ދާއިރާތަކުގެ ތަފްސީލު ރައީސްއާ ހިއްސާ ކުރައްވާފައެވެ.
އަދި ސަންވޭ ގްރޫޕުގެ ފަރާތުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުރިގޮތާއި، ފޮރިން އިންވެސްޓަރުންނަށް ހުޅުވިފައިވާ ހާއްސަ ފުރުސަތުތަކާއި، ޓެކްސްގެ ސިޔާސަތާއި، ވިސާއާއިބެހޭ މަޢުލޫމާތާއި، ފައިސާގެ މުއާމަލާތްތަކާއި އަދިވެސް އެހެނިހެން މިދާއިރާއާއި ގުޅުންހުރި ކަންކަމުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ.
މީގެއިތުރުންވެސް، ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ އިތުރު މައުލޫމާތު ހޯއްދެވުމުގެ ޝައުގުވެރިކަން އެބޭފުޅުން ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ތަފްސީ މައުލޫމާތު ހިއްސާ ކުރައްވައި، ރަސްމާލޭ މަޝްރޫއުއާއި، ރާއްޖޭގެ ހާއްސަ އިގްތިދީ ސަރަހައްދުގެ ތެރޭގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަންގެ މަސައްކަތްތަކާއި، ދިވެހިރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރާއި، މިހާރު ކުރިއަށްދާ އިރުގެ ހަކަތައިގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.
މިނިސްޓަރުންގެ ވާހަކަފުޅުގައި، މިދިޔަ ޑިސެމްބަރ މަހު ވުޖޫދަށް ގެނެވުނު މޯލްޑިވްސް ފޮރިން އިންވެސްޓްމަންޓް ގާނޫނާއެކު އިންވެސްޓަރުންނަށް، ދެމެހެއްޓެނިވި ފައިދާތައް ލިބެނިވި ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ފާގަތި ކުރިމަގަކަށް އުއްމީދު އައުކުރައްވަމުންނެވެ.

