މާލޭގެ ގެއެެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ތެރޭ މަރުވެފައި އޮއްވައި ފެނުނީ މ. އަލުވިމާގެއާގޭ މުހައްމަދު ހިސާމް (40އ) ކަމަށާއި އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ 16:40 ހާއިރު ކަމަށެވެ.

މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން އާއިލާއާ މަޝްވަރާކޮށް ނިންމަން ޖެހޭ ނިންމުންތަކަށްފަހު އިއްޔެ ހަށިގަނޑު މޯޗަރީން ނެރުުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަން އާއިލާއަށް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހިސާމްގެ ހަށިގަނޑު ވަޅުލަން ބޭނުންވަނީ މިއަދު ކަމަށް އާއިލާއިން ބުނެފައިވާތީ ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނާގެ މަރުވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.