އިމާރާތެއްގެ ނުވަވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު އަންހެން މީހާގެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
ހެންވޭރުގައި ހުންނަ ހ.މިޓާޒްގޭގެ ފުރާޅުމައްޗަށް 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވައި ފެނުނީ މިމަހުގެ 18 ވަނަ ދުވަހުގައެވެ.
އެ މައްސަލައިގައި ފުލުހުން، އުމުރުން 21 އަހަރުގެ ރައުދު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ ފަސް ދުވަހުގެ މުއްދަތު ހަމަވާތީ ފުލުހުން މިއަދު ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ ރައުދުގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.
މި މައްސަލައާ ގުޅިގެން ރައުދު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޔޫރީން ސާމްޕަލް ނަގައިފައެވެ. އޭރު އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވެފައެވެ.

