ނަފްސާނީ އަނިޔާ ލިބޭ މީހުންނަށް ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންނާ މަޝްވަރާކޮށްފިއެވެ.
ފުލުހުން ބުނީ، އިއްޔެ ކުރިއަށްދިޔަ ބައްދަލުވުމުގައި، ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އާއި އެ ވުޒާރާގެ އިސް ބައެއް ވެރިންނާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް އަދި ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެލެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި އެ ވުޒާރާގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުންކުރާ މަސައްކަތްތަކުގައި ވެސް އެ ވުޒާރާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

