ސީރިއަސް ހާލަތުގައި އޮންނަ އެންމެ ތުއްތު ކުދިންނަށް އައިޖީއެމްއެޗުގައި ފަރުވާ ދޭ ނިއޯ ނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް(އެންއައިސީޔޫ)ގައި ފަރުވާ ދެމުންދާ ތުއްތު ކުދިންގެ ގައިން ގިނަ އަދަދެއްގެ ބޭސްތަކަށް ނުގުޑާ ޖަރާސީމުގެ ވައްތަރެއް ފެނިފައިވާ  ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެފަދަ މަދު ކޭސްތަކެއް ފެނުނުކަން ހާމަކޮށްފައެވެ.

އެހެންވެ އެ އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށް އައިޖީއެމްއެޗްއިން ބުނީ އެ ފިޔަވަޅުތަކާއެކު ޖަރާސީމު ފެތުރުން ހުއްޓުވިފައިވާ ކަމަށެވެ.

ްެއެހެން ނަމަވެސް ސްޓާފުންނާއި ބަލި މީހުންގެ ސަލާމަތަށް ޓަކައި އަދިވެސް ފިޔަވަޅުތައް ދަންމާލައިފައިވާ ކަމަށް ވެސް އައިޖީއެމްއެޗްއިން ބުންޏެވެ.

އައިޖީއެމްއެޗްއިން ބުނީ އެ ކޭސްތަކާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެެ.