ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ގައި ރާއްޖޭގެ ފަރާތުން މިއަދު ނެރުނު ބަޔާނުގައެވެ.

އައިސީޖޭގައި ރާއްޖޭގެ ފަރާތުން ބަންޑާރަ ނައިބު ބަޔާނެއް ނެރުއްވީ، ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ޢުދުވާނީ އަދި ލާއިންސާނީ ހަމަލާތަކާ ގުޅިގެން އަނިޔާ ލިބެމުންދާ މުސްލިމް އަހުންނަށް އެހީ ފޯރުކޮށްދެމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ހަމާލާދެމުންގެންދާތީ، އެކަމާ ގުޅިގެން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައި ދިވެހި ސަރުކާރުގެ ފަރާތުން ބަޔާން އިއްވަމުންނެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެ ކަމަށެވެ.

އަދި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން މުހިންމުކަމަށެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީދޭ އެކުވެރި ދައުލަތް (އދ) ތަކަށް ނިސްބަތްވާ ޖަމުއިއްޔާތަކުގެ ބާރުކަނޑުވާލުމަށް އިސްރާއީލުން މަސައްކަތްކުރަމުން ދާތީ އެކަމާ ވެސް ވަނީ ކަނޑުބޮޑުވުން ފާޅުކޮށްފައެވެ.

އައިސީޖޭގައި ކުރިއަށްދިޔަ އަޑު އެހުމުގައި ރާއްޖޭގެ ފަރާތުން ބާރ އޮފް އިނގްލެންޑް އެންޑް ވޭލްސްގެ ދެ ވަކީލަކު ވެސް ވާހަކަފުޅުދެއްކެވިއެވެ.

އެ ފަރާތްތަކުން ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ގައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަޤްވާމީ ގާނޫނުތަކާ ހިލާފަށެވެ.

އދ އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ.