ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް، މެރކް ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި އީ މެރކް ކޭޖީ ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓަންގެންބަރގް ހަވަރކެމްޕް އާއި މެރކް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، ޒިޔާރަތްކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ މުލީއާގޭގައެވެ.
މި ބައްދަލުވުމުގައި ޕްރޮފެސަރ ޑޮކްޓަރ ސްޓަންގެންބަރގް ހަވަރކެމްޕް އާއި ސެނެޓަރ ޑޮކްޓަރ ކެލެޖް ވަނީ، މެރކް ފައުންޑޭޝަން މެދުވެރިވެގެން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ކުރިއެރުވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން ވަކި ދާއިރާތަކުން ހާއްސަވުމަށް ޑޮކްޓަރުން ހޯދަންޖެހޭ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުޞަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރައްވައި ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން މެރކް ފައުންޑޭޝަނުގެ މަންދޫބުން ވަނީ، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކޮށް، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލައި އަންހެނުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާފައެވެ.
އަދި އެކަމަނާ އަކީ މެރކް ފައުންޑޭޝަންގެ ”މޯ ދެން އަ މަދަރ“ ޕްރޮގްރާމުގެ އެންބެސެޑަރެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މި ޕްރޮގްރާމަކީ، ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައްޔާއި، އެކަމާ ގުޅުންހުރި ފަރުވާގެ ގާބިލުކަން އިތުރުކުރުމުގައްޔާއި، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލުމުގައްޔާއި، ދަރިމައިވުމުގެ މައްސަލަތަކުން ރައްކާތެރިވުމާއި ދަރިންލިބުމުގައި ފިރިހެނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެފްރިކާ އަދި އޭޝިޔާގެ ފަރސްޓް ލޭޑީންނާއި އަންހެން އިސްވާރުންނާއެކު ހަރަކާތްތަކެއް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

