ހުޅުމާލޭގައި ތަރައްގީކުރަމުންދާ ”މެންހަޓަން ގްރޭންޑް ހޮޓާ“ އިމާރާތުގެ މަސައްކަތް ވޯރލްޑް އޮފް ބިޒްނަސް އާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެމް އޯ ޔޫ ގައި ސޮއިކުރީ އިއްޔެއެވެ.

މި ހޮޓަލަކީ ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ ތަނެކެވެ.

އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވަނީ ވޯރލްޑް އޮފް ބިޒްނަސްއާއެވެ.

އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، އެ މަސައްކަތާ ކުރިން ހަވާލުވެފައި އޮތް އެސްޓީއޯއާއެކު ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހުއެވެ.

ހުޅުމާލޭގައި ތަރައްގީކުރެވޭ އެ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ހުންނާނެއެވެ.

އެގޮތުން ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖެއްވެސް އެތަނުގައި ތަރައްގީ ކުރާނެއެވެ.

މިތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.

މި ހޮޓެލުގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާރޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ތަރައްގީ ކުރާ ތަނެކެވެ.

މިތަނަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.

”މެންހަޓަން ގްރޭންޑ ހޮޓެލް“ ގެ ނަމުގައި ވޯރލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކުއެވެ.

މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ ’ޑީޕް ސީފުޑް ކޮމްޕެނީ‘ އިންނެވެ.