ވެރިރަށް މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ބައިވެރިންގެ ތެރެއިން، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ދެމީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ސިލްސިލާކޮށް ބާއްވަމުން ދިޔަ އެއްވުންތަކުގެ ތެރެއިން، ރޭގެ މުޒާހަރާގައި އުޅުނު މަހުޒޫމް މާޖިދު (28އ) އާއި އާއިޝަތު ޝިމަން އަހުމަދު (19އ) ފުލުހުން ހައްޔަރުކުރިއެވެ.

މަހުޒޫމް އާއި ޝިމަންގެ ތިން ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އިއްޔެ އޮތް މުއްދަތު މަޖިލީހުގައި ފުލުހުންގެ ފަރާތުން އެދުނީ އެ ދެމީހުން 15 ދުވަހަށް ބަންދު ކޮށްދިނުމަށެވެ.

ފުލުހުން ބުނީ މަހުޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

ަޒުވާނުން ބާއްވަމުންދިޔަ އެއްވުންތަކުގައި ބައިވެރިވުމަށް ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ނިންމައިފައެވެ. އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން ވަނީ އެ އެއްވުންތަކާ ގުޅޭނެ ކަމަށް ބުނެފައެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ޒުވާނުން އަޑު އުފުލުމަށް އެއްވުންތައް ބާއްވަމުން އަންނައިރު، ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯނު އަދި އުސްފަސްގަނޑު ސަރަހައްދުގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރި އެއްވުންތައް މީގެފަހުން ކުރިއަށް ގެންދެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.