އިޒްރޭލްގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ނިންމުމަކީ ހާރިޖީ ސިޔާސަތުގައި ނިންމުނު ފަހުރުވެރި ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ބިލު ފާސްކުރުމާއެކު ރައީސް ވަނީ، ވަގުތުން އެ ބިލު ތަސްދީގު ކުރައްވައިފައެވެ.
ރައީސް މިއަދު ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ދިވެހީންގެ ފަރާތުން ނިންމެވި ނިންމުމެއް ކަމަށާއި، އެކަން އެގޮތަށް ދެމިއޮންނާނެ ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ފާސްކުރި ބިލުގެ ބޭނުމަކީ އިޒްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.
ސަރުކާރުން ދަނީ ބައިނަލްއަގްވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ އުހުއްވަތްތެރި ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީީސް މުއިއްޒު މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.

