ނޫޫސްވެރިންގެ ސުވާލުތަކަށް 15 ގަޑިއިރު ޖަވާބު ދެއްވަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯއްދަވައިފިއެވެ.
ނޫސްވެރިކަމުގެ މިނިވަން ދުވަހުގެ ހެނދުނު 10:00ގައި ފެށި ޕްރެސް ކޮންފަރެންސް ރައީސް ނިންމަވައިލެއްވީ، އެ ރޭ 12:50ގައި ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވުމަށް ފަހުގައެވެ.
އެމަނިކުފާނު ބްރޭކް ނެންގެވީ ނަމާދު ވަގުތުތަކަށެވެ. އަދި އެއް ފަހަރު ބްރޭކް ނެންގެވީ، ނޫސްވެރިންގެ އެދުމަށެވެ.
އެ ހާއްސަ ޕްރެސް ކޮންފަރެންސްގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދުމަށްޓަކައި ޖުމުލަ 2130 މަޝްރޫޢެއް ރޭވިގެން އެ މަޝްރޫޢުތަކުގެ މަސައްކަތް އެކިއެކި މަރުޙަލާގައި ކުރިއަށްދާކަން ރައީީސް މުއިއްޒު ހާމަ ކުރެއްވިއެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކާއި ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ރައްޔިތުންނާއި އެކިއެކި މުނާސަބަތުތަކުގައި ބައްދަލުވެ ރައްޔިތުންގެ ހާލު ބައްލަވައި، އެކި ކަންކަމުގައި އެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ އެކިއެކި ވަޢުދުފުޅުތަކުގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ރައީސް ވަނީ އެ މަނިކުފާނުގެ މެނިފެސްޓޯއާ ގުޅިގެން 289 ވަޢުދުފުޅު، ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންފައިވާ 1051 ވައުދުފުޅު، ދަތުރުފުޅުތަކުގައި ވައުދުވެވަޑައިގަތް 484 ކަމަކާއިއެކު އެކި އިވެންޓުތަކުގައި ކޮށްދެއްވާނެކަމުގައި ވިދާޅުވި 305 ކަމެއްގެ ތަފުސީލް ހިއްސާކުރައްވާފައެވެ.
ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި އެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވުމަށް، ވަޢުދުފުޅުތަކުގެ އިތުރުންވެސް ގިނަގުނަ މަސައްކަތްތަކެއް ހިނގަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިނަމާލެ މާލެހިޔާ ސަރަހައްދުގައި ފްލެޓު އެޅުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވަޢުދެއް ކަމުގައި ވިދާޅުވިއެވެ.
އަދި އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު މި މަޝްރޫޢުގައި ސޮއިކުރައްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ.

