ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާރަށަށް ވަޑައިގަންނެވި އަދަދު ވެސް ނޫސްވެރިންނަށް ހާމަކޮށްދެއްވައިފިއެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 15 ގަޑިއިރުވަންދެން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
އާރަށަކީ ގާނޫނު އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ރަށެކެވެ.
ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވި ފަހުން މިވީ ދޮޅު އަހަރުގެ ތެރޭގައި އާރަށަށް ވަޑައިގެންނެވީ 116 ފަހަރު ކަމަށެވެ.
އަދި އޭގެ ތެރެއިން 85 ފަހަރު ވަޑައިގަތީ ފުޓުބޯޅަ ކުޅުއްވުމަށްކަމަށް ވިދާޅުވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ރަށުގައި ހެދި ފުޓްސެލް ދަނޑަށް ކުޅުއްވަން ވަޑައިގަންނަވާ ކަމަށާއި، އެއީ ދެ ތިން ގަޑިއިރުގެ ދަތުރުފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެ ރަށަށް 31 ފަހަރު ވަޑައިގެންފައި ވަނީ އާއިލާއާއި އެކުގައި ކަމަށެވެ.

