އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގެ މަސައްކަތް އެންމެ ލަސްވެގެން ދޮޅު އަހަރުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަވައި ”އަސުރު އޮންލައިން“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީއާ) ހަވާލުކޮށްފައިވާއިރު، މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުންދަނީ ފައުންޑޭޝަން މަސައްކަތްތައް ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ހަފްތާއެއް ނުވަނީސް އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ކުރީގެ ކުނިކޮށި ހުރި ބިން ހަމަޖައްސަވައިދެއްވައިފައިވެއެވެ.
އަދި އެ މަޝްރޫއު ކުރިން ހަވާލު ކުރި އަމީން ކޮންސްޓްރަކްޝަން އިން މަސައްކަތް ކޮށްދޭ އަގު ބޮޑުވުމުން، އާރްސީސީއާ ހަވާލުކުރީ، އަގުވެސް ކުޑަކޮށެވެ.
”މިހާރު އެ ކުރިއަށްދަނީ ފައުންޑޭޝަން ވޯކްސް. ފައުންޑޭޝަން ވޯކްސް ނިމި، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމެންވާއިރު، މި މަޝްރޫއު އިރާދަކުރެއްވިއްޔާ، ނިންމާލެވޭނެ، އިރާދަކުރެއްވިއްޔާ.“ ރައީސް އިއްޔެ ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި، އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަނީ ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތަށް ބަދަލުކޮށް، ފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ދަރުމަވަންތަ ސްކޫލްގެ ކުރީގެ އިމާރާތަށް ބަދަލުކޮށްފައެވެ.

