ގިނަ އަދަދެއްގެ ދިވެހީން ދަތުރުކޮށް އުޅޭ ތައިލެންޑުން ”އެންތުރެކްސް“ ކިޔާ ނުރައްކާތެރި ބައްޔެއް ފެނިއްޖެއެވެ.

މި ބައްޔާ ގުޅިގެން އެ ގައުމުން މީހަކު މަރުވެ، ދެވަނަ ކޭހެއް ފެނިފައިވާތީ، ތައިލެންޑުގެ ހެލްތު މިނިސްޓްރީން ވަނީ ޕަބްލިކް ހެލްތު އެލާޓެއް ނެރެފައެވެ.

ތައިލެންޑުން އެންތުރެކްސް ބަލީގައި މީހަކު މަރުވެފައި މިވަނީ 30 އަހަރު ފަހުންނެވެ.

މިބަލީގައި މީހަކު މަރުވިއިރު، ބަލި ޖެހުނު 53 އަހަރުގެ ފިރިހެނަކު ފާހަގަކުރެވި، ޝައްކު ކުރެވޭ އިތުރު މީހުން ދަނީ ޓެސްޓު ކުރަމުންނެވެ.

އެގޮތުން 638 މީހަކު ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި، އެކަން އެހެން ދިމާވީ، ރޯމަސް ކެއުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތައިލެންޑުގެ ހެލްތު މިނިސްޓްރީން ބުނީ، މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އެންމެންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެންތުރެކްސް ބަލި ޖެހިފައިވާ މީހެއްގެ އަތް.

ައެންތުރެކްސް އަކީ މަދުން ފެންނަ، ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހިފައިވާ ޖަނަވާރެއްގެ ގައިން، އިންސާނެއްގެ ގަޔަށް ބަލި ވާސިލު ވުމުގެ ފުރުސަތު އޮވެއެވެ. މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ.

2015 އަހަރާއި 2017 ވަނަ އަހަރު ވެސް ތައިލެންޑުން މި ބަލި ފެނިފައިވެއެވެ. ނަމަވެސް، އެ ދެ ފަހަރު ވެސް ބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.