ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މއ. ދަގަނޑުކެޑިގެ، މާލެ، ޙަސަން ނިމާލު، 44، އާއި ހ. ރީފްވިޔު ހުޅަނގުބައި 3/ މާލެ، ޝިފާނާ ޢަބްދުއްސައްތާރު، 38 އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ރީ، މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.
އެގޮތުން އިއްޔެ ހިންގި އޮޕަރޭޝަނުގައި، މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި މަސްތުވާތަކެތި ކަމަަށް ތުހުމަތު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،058.55 ގުރާމު ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

