އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ޓެންޓުތަކެއްގައި ނިދާފައި ތިބި ބަޔަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި، ތުއްތު ކުދިން ހިމެނޭހެން 125 މީހަކު މިއަދު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ދެކުނުގެ ޚާންޔޫނިސްގެ އަލް-މަވާސީ ސަރަހައްދަށް މިއަދު ފަތިހުގެ ވަގުތެއްގައި ވައިގެ މަގުން ދިން މި ހަމަލާތަކުގައި ޓެންޓުތަކެއްގައި ނިދާފައި ތިބި 36 މީހަކު މަރުވިކަން ކަށަވަރު ކުރެވުނުއިރު، މި ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ބުނެއެވެ.
އިޒްރޭލުން ވަނީ ފާއިތުވި 4 ދުވަސް ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް އެއްގަމު މަގުން އަރައި، ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި ދުނިޔެ އަޑު އުފުލިޔަސް، އެކަމަށް ޔަހޫދީން އެއްވެސް ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ.
އިސްލާމީ ބާރުގަދަ ގައުމުތައް ފަލަސްތީނުގެ ދިފާއުގައި ތެދުވާން މަސައްކަތް ނުކުރާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

