ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ހޯލީ ޤުރުއާން“ މުބާރާތުގައި ބައިވެރިވި ދިވެހި ދަރިވަރުންނާ ނައިބު ރައީސް ފައިސަލް ނަސީމްބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

Ads by Asuru

ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ހޯލީ ޤުރުއާން“ މުބާރާތުގައި ރާއްޖެއިން ބައިވެރިވި ދެ ދަރިވަރުންނަކީ އަޙްމަދު ނަބީޙް ޢަބުދުލްޤާދިރުއާއި މުޙައްމަދު ޔޫޝަޢު އެވެ. މި ދެ ދަރިވަރުންގެ ތެރެއިން އަޙްމަދު ނަބީޙް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ދެދަރިވަރުންނާއި މި ދެދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ދެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމަކާ ޝަރަފެއްކަން ފާހަގަކުރައްވައި މި ދަރިވަރުންނާއި ދަރިވަރުންގެ މައިންބަފައިންނަށް ތަޢުރީފާއި ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށް އަޙްމަދު ނަބީޙް ހޯދި ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޤުރުއާނަށް ކުދިން ހިތްޖައްސައި، ދަރިވަރުނަށް ވީހާވެސް ގިނަ ފުރުޞަތުތައް ތަނަވަސްކޮށްދީ އެހީތެރިވެދިނުމަށްކަމުގައެވެ.

މި ބައްދަކުރެއްވުމުގައި މި ދެދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ވަނީ ސަރުކާރުން މިދަރިވަރުންގެ ކަންކަމުގައި ދެއްވާ އެއްބާރުލުމާއި ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.