ދިވެހި ހައްޖުވެރިންނަަށް މުޅިން އަލަށް ލިބިގެންދިޔަ މައްކާ ރޫޓު އިނީޝިއޭޓިވްގެ ހިދުމަތް ދެއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށްފިއެވެ.
މިކަމަށްޓަކައި ރޭ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.
ހަނދާނީ ލިޔުން ދެއްވެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ސައުދީ އޮފިޝަލުން ރާއްޖެ ވަޑައިގެން ދިވެހި ހައްޖުވެރިންނަށް ދެއްވި އަގުނުކުރެވޭފަދަ ހިދުމަތަށް ޝުކުރު އަދާ ކުރައްވާފައެވެ.
އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ހައްޖުވެރިންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައާއި ގުޅޭ ގޮތުންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވްގައި އެހެން ގައުމުތައް ހިމަނާ އުސޫލުތަކުން އިސްތިސްނާކޮށް ރާއްޖެ ހިމެނުއްވެވީތީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި އަހަރު ރާއްޖެއިން ދަތުރުކުރި 4 ފްލައިޓުގެ ޙައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ.
އެގޮތުން ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ އިމިގްރޭޝަން އެއްކޮށް ފުރިހަމަކޮށްފައިވާއިރު، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން މަޑުކުރަން ޖެހެނީ ވަރަށް ކުޑަ ވަގުތުކޮޅެއްކަން ފާހަގަކޮށްލެވެއެވެ.
މިއީ މިހާތަނަށް ހައްޖުވެރިންގެ ދަތުރަށް ލިބިގެންދިޔަ އެންމެ ބޮޑު ލުއިފަސޭހައެވެ.

