ހައްޖުގެ މަތިވެރިކަން އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، މަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނީ ރައީސް މުއިއްޒު ރަސޫލާ(ސ.އ.ވ) ގެ މިސްކިތްކޮޅަށް ޒިޔާރަތް ކުރައްވާ އެ ތަނުގައި ނަމާދު ކުރައްވާފައިވާ ކަމަށެވެ.
މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ސައުދީއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސައުދީއަށް ވަޑައިގެންނެވީ އިއްޔެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފުގެ ދެކަނބަލުންގެ އިތުރުން ޗީފް އޮފް ޕްރޮޓޮކޯލް، މުހައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.
ރާއްޖެ އަށް މި އަހަރު ލިބުނު 1،000 ހައްޖު ކޯޓާގައި ހައްޖުގެ އަޅުކަން އަދާކުރާ އެންމެން މިހާރު ތިބީ މައްކާގައެވެ.
ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ހައްޖު މިޝަނުން ބުނެއެވެ.

