ޖަޕާނުގެ ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)ގެ ދަށުން މި އަހަރުވެސް ހަ ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް ނިންމައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ”އެކްސްޗޭންޖް އޮފް ނޯޓްސް“ގައި ސޮއިކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީ މިއަދު ބުނީ އެ އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 194 މިލިއަން ޖަޕާނީސް ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ.
އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.
މިއީ 2020 ވަނަ އަހަރުން ފެށިގެން ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެމުންގެންދާ އެހީގެ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ.
އެ ސްކޮލާޝިޕް ޕްރޮގްރާމުގެ މަގުސަދަކީ މުސްތަގުބަލުގައި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.

