ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރު ކުރުމަށްޓަކައި ”ގްލޯބަލް އެމްބެސެޑަރ“ އަކަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.

އެމްއެމްޕީއާރްސީން ނެރުނު ނޫސް ބަޔާނެއްްގައި ބުނީ މި ޕާޓްނާޝިޕްގެ މަގުސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިންނަށް ހިތްވަރުދިނުން ކަމަށެވެ.

ގްލޯބަލް އެމްބެސެޑަރަކަށް ކެޓްރީނާ ހަމަޖައްސާފައި މިވަނީ ވިޒިޓް މޯލްޑިސްގެ ”ސަމާ ސޭލް“ ކެމްޕޭން ފަށާފައިވަނިކޮށެވެ.

ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް އެމްބެސެޑަރުގެ ގޮތުގައި މަސައްކަތް ކުރުމާގުޅޭގޮތުން ކެޓްރީނާ ބުނީ، ރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއް ކަމަށެވެ.

އަދި ”ސަނީ ސައިޑް އޮފް ލައިފް“ގެ އެމްބެސަޑަރަކަށް ހޮވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށް ވެސް ބުންޏެވެ.

ކެޓްރީނާ ވަނީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖެ އައިސްފައެވެ.