ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިސް ހިސޯރު ކޮށްފައި ކަމަށާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނެވީ ”މަރުތަޅު“ އަޅުވާފައި ކަމަށް އިދިކޮޅުން ބުނުމުން، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒަައިނާ އާދަމް ނުރުހުން ފާޅުކުރައްވައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގައި މަސައްކަތްތައް ކުރިއަށް ނުގެންދަނީ ސަރުކާރުން މަޖިލިސް ހިސޯރުކޮށްފައި އޮތުމުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕާލިމެންޓަރީ ގުރޫޕުން އިއްޔެ ވަނީ ބުނެފައެވެ.

މަޖިލީހުގެ ދެ ވަނަ ދައުރު މިހާތަނަށް ބޭއްވި ތިން ޖަލްސާގައި ވެސް މިނިސްޓަރުންނާ ސުވާލު ކުރުމަށްފަހު ކުރާނެ އިތުރު މަސައްކަތެއް ނެތިގެން ޖަލްސާތައް ވަނީ ކުރުކޮށްލާފައިވާއިރު، މިކަމާ ގުޅިގެން އިދިކޮޅު ޕީޖީ ގުރޫޕުން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެކަމާ ކަންބޮޑުވުން ފާޅުކޮށް، މަޖިލީހުގެ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅާ ކަމަށް ތުހުމަތު ކޮށްފައެވެ.

މި ތުހުމަތާ ގުޅިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ރޮޒައިނާ ވިދާޅުވީ ސަރުކާރުން މަޖިލިސް ހިސޯރު ކުރާ ކަމަށް އިދިކޮޅަށް ހީވަނީ، މަޖިލީހަށް ”އަލަށް“ ވަދެވިގެން އުޅޭތީ ކަމަށެވެ.

”މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރަނީ ކޮމިޓީތަކުގައި. ތަޅުމުގައި ފޮނި އަނގަ ތެޅުން އެއީ މަޖިލީހުގައި ހިނގާ އެންމެ ބޭކާރު ކަންތައް.“ އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އަދި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު އިއްޔެ ވިދާޅުވެފައިވަނީ މަޖިލިސް މި ދައުރު ފެށިގެން ދިޔައިރު، މަޖިލިސް ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ސަރުކާރުން ބޭނުންވީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އެއްކޮށްލައިގެން މަޖިލީހުގެ އަޑު ކަނޑުވާލަން ކަމަށެވެ.

އަދި އޭގެ ފަހުން މަޖިލީހަށް އެކިއެކި ފިއްތުންތައް ސަރުކާރުން ކުރިމަތި ކުރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.