އޭ ލެވެލް އަކީ ސްކޫލު ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހާމަ ކުރައްވައިފިއެވެ.

މަތީ އަރުތަވެތިންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގެ ފަސް ވަނަ ދަންފަޅީގައި ރޭ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ޕައިލެޓް ކުރި އޭ ލެވެލްއަށް ފަހިކުރި ޕްރޮގްރާމު މާލޭގައި ވެސް ކުރިއަށްގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލޭގައި ހުންނަ ސީއެޗްއެސްއީ އަދި ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގައި ޖާގަ ހުރިކަން ފާހަގަކުރައްވައި، މަސައްކަތްކުރާނީ ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދޭން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ދަރިވަރުން ބާކީކުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭ ލެވެލް އެއީ ސްކޫލު ނިންމާ މަރުހަލާގެ ގޮތުގައި އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމިގެންދާ އިރުގައި ކަނޑައެޅިގެން ދިއުމަކީ އެއީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ފެށި ޕްރޮގްރާމާއެކު ސަރުކާރުގެ ސްކޫލުތަކުގައި އޭ ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށްވުރެ 77 އިންސައްތަ މަތިވެގެންދިޔަ ކަމަށެވެ.