ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ އެންމެ ދަށް އުޖޫރަ ރިވިއުކުރުމުގެ ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޖަނަވަރީ 2022 އިން ފެށިގެން މިހާތަނަށް ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިނިމަމް ވޭޖް މުރާޖާނުކޮށް ލަސްވަނީ ކީއްވެގެންތޯ މައުރޫފު ސުވާލު ކުރެއްވުމުން، މިނިސްޓަރު ހައިދަރު ވިދާޅުވީ، ފުރަތަމަ މިނިމަމް ވޭޖް ކަނޑައެޅިފައިވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ.
އަދި މިނިމަމް ވޭޖް މުރާޖަޢާކުރަންޖެހޭ ތާރީހަކީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ އަށް ވަނަ ދުވަސް ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރުގެ ސަރުކާރުން ދައުލަތް ހިންގުމާ ހަވާލުވުމަށްފަހު، ލޭބަރގެ މެންޑޭޓް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއަށް 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ބަދަލުކުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.