އިޒްރޭލާއި އީރާނާ ދެމެދު ކުރެވެމުންދިޔަ ހަނގުރާމަ މުޅިން ހުއްޓާލަން ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓަރްމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވިއިރު، ގަތަރުގައި އެމެރިކާގެ ސިފައިން ގާއިމުވެތިބި އަސްކަރީ ބޭހަކަށް އީރާނުން ވަނީ ހަމަލާއެއް ދީފައެވެ. މިއީ އެމެރިކާއިން އީރާނަށް ދިން ހަމަލާތަކެއްގެ ރައްދުގައި ދިން ހަމަލާއެކެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓައިލަން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށްދާނެ ކަމަށް ބަލައި އީރާނާއި އިޒްރޭލަށް ވެސް މަރުހަބާ ވިދާޅުވާ ކަމުގައެވެ.

މިއީ އެތައް އަހަރަކަށް ދިގު ދެމިގެންދާ، އަދި މެދުއިރުމަތި ވެސް ހަލާކުކޮށްލާނެ ހަނގުރާމައަކަށް ވެގެން ދިޔުމުގެ ފުރުސަތު އޮތްއިރު، އެކަން އެގޮތަށް ނުވި ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވަނީ މިއީ “ 12 ‏ދުވަހުގެ ހަނގުރާމަ“އެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

އީރާނުން ބުނީ ހަނގުރާމަ ހުއްޓައިނުލާ ކަމަށް

ހަނގުރާމަ އެއްކޮށް ހުއްޓައިލަން އީރާން-އިޒްރޭލު އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއިރު، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް އިޒްރޭލުން ވެސް ހަމަލާތައް ހުއްޓައިލާގޮތަށް ތިބި ނަމަ، އީރާނުން ވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިޒްރޭލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އީރާނާއި އިޒްރޭލާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި، އެމެރިކާ އިން ދަނީ އިޒްރޭލަށް އެހީތެރިވަމުންނެވެ. މިދިޔަ ހަފްތާގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އިޒްރޭލުގެ ދިފާއުގައި، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ހަމަލާދިނުމާމެދު 2 ‏ހަފްތާގެ ތެރޭގައި ގޮތް ނިންމާނެ ކަމަށެވެ.

ނަމަވެސް އޭގެ 2 ދުވަސް ފަހުން، އެމެރިކާ އިން ވަނީ އީރާނަށް ހަމަލާ ދީފައެވެ.

އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމަށް އަމާޒުކޮށް ކަމަށް ބުނެ، އިޒްރޭލުން އީރާނަށް ފުރަތަމަ ހަމަލާ ދިނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މި ހަނގުރާމައިގައި އީރާނުގެ 400 ‏މީހުން މަރުވިއިރު، އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނެއެވެ. އިޒްރޭލުން މަރުވެފައި ވަނީ 24 މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.