އީރާނާއި އިޒްރޭލުގެ ހަނގުރާމައާއެކު، މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާތީ، މިކަމުގެ ސަބަބުން ރާއްޖެއަށް ކުރަމުން އަންނަ އަސަރުތައް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާއި ކާބޯތަކެތީގެ ސަޕްލައި ޗެއިން ދެމެހެއްޓުމާއި ގައުމުގެ މާލީ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ.
އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާއި އިންފްލޭޝަނާއި ވިޔަފާރިތަކަށް ދިމާވެދާނެ ހުރަސްތައް ވަރަށް ގާތުން މޮނިޓާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އެ ކަންކަން ބެލެހެއްޓުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ އެކު ވިލަރެސްކޮށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް މި ހާލަތުގައި ކުރިމަތިވެދާނެ އެންމެހާ ދަތިތަކުން ސަލާމަތްވުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

