މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާއްމު މެމްބަރުން، ވަކި ފަރުދަކަށްވުރެ އަބަދުވެސް އިސްކުރީ ޕާޓީ ކަމަށް އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ، އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އަށް 20 އަހަރު ފުރުމާ ގުޅިގެން، އާއްމު ކުރެއްވި މެސެޖެއްގައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕާޓީގެ ކާމިޔާބީގެ ފަހަތުގައި ވަނީ އާއްމު މެމްބަރުންނެވެ.
”އެމްޑީޕީގެ މި އޮންނަ ހިތާ ހިތުގެ ގުޅުމަކީ ހަގީގަތެއްގައި މި ޕާޓީގެ އާއްމު މެމްބަރުން މިވަނީ ދައްކައިދީފަ. އަދި ޕާޓީއަށް ކިތަންމެ ގޮންޖެހުންތަކެއް އައި ކަމުގައި ވިޔަސް، ޕާޓީގެ އާއްމު މެމްބަރުން ރަނގަޅު ނިންމުންތައް ނިންމާ، ޑިމޮކްރަސީގެ އުސޫލުން، ކަންތައްތައް ނިންމުމުގެ ސަބަބުން، އެމްޑީޕީ މި ވަނީ ދިވެހިރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޕާޓީއަށް ވެފައި.“ އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަށް ދިމާވި އެހެން ގޮންޖެހުންތައް އެހެން ޕާޓީތަކަށް ދިމާވުމުން، އެ ޕާޓީތައް ނެތިގެން ގޮސްފައިވާ ކަމުގައި ވެސް ރޮޒައިނާ ވިދާޅުވިއެވެ. އެއާ ހިލާފަށް، ކޮންމެ ގޮންޖެހުމެއް ދިމާ ވިޔަސް، އެމްޑީޕީ ދާނީ ކުރިއަށްކަން އެޕާޓީގެ މެމްބަރުން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއަށް 20 އަހަރު ވެފައިވާއިރު، ޕާޓީ ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ޕާޓީގެ ކުރީގެ ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ އެމްޑީޕީ އަކީ ހިތްވަރާއި، އިސްލާހާ އަދި ތަހުޒީބީ ހިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތައާރަފު ކުރުމުގެ ފަހުރުވެރި ޕާޓީ، އިންސާނީ ހައްގުތަކާއި، ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގައި ފުރުސަތު ފަހިކޮށްދިން ޕާޓީ ކަމަށެވެ.
ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އެމްޑީޕީން 20 އަހަރު ކުރިން ފެށި ދަތުރު އަދި ނުނިމޭ ކަމަށް ސޯލިހު ވިދާޅުވިއެވެ.

