ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތައް ތަަޖައްމަލު ކުރާ ފަރާތްތަކަށް އިންޝުއަރެންސެއް ތައާރަފު ކުރަން ނިންމައިފިއެވެ.
މިކަން އިޢުލާން ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މިނިސްޓަރު ވިދާޅުވީ، ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މުހައްރަމް 1447 އިން ފެށިގެން އިންޝުރެންސް ތައާރަފު ކުރަން ވަނީ ނިންމާފައިވާކަމަށެވެ.
މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެންނެވެ. އެފަރާތްތަކަށް އިންޝުރެންސް ތައާރަފު ކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މި ދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ.“ މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ހަރަދެއް ކުރާކަން ފާހަގަކޮށްލެވެއެވެ.
އޭގެ ތެރޭގައި ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް ޒަކާތު ފަންޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

