މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ދިލްބަހާރުގެ، އަހްމަދު ނިއުޝަމް (36އ)އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ވަގަށް ނެގި ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓް ސަރަހައްދުގައި މީހަކު އުޅޭ ކަމަށް މައުލޫމާތެއް ލިބިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނެގި ތަކެތިކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުންދާ ކަމުގައެވެ.