ހަލާލް ޓޫރިޒަމާއެކު ރާއްޖޭގެ ޓޫރިޒަމަށް އާ ދިރުމެއް އަންނާނެ ކަމަށާއި، ހަލާާލު ޓޫރިޒަމަށް ރާއްޖެ ހުޅުވައިލުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ގިނަ ރަށްތަކެއް ކަނޑައެޅުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފައިވަނިކޮށް، ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަސް ޕްރޮޖެކްޓެއް ހަލާލު ޓޫރިޒަމަށް ހުޅުވައިލައިފައެވެ.
އަދި އައްޑޫ ސިޓީގެ ހަންކެޑެ ވެސް ވަނީ ހަލާލު ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައިފައެވެ. ނަމަވެސް، އެތަން އަދި ބިޑަށް ހުޅުވައެއް ނުލައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ހަލާލު ޓޫރިޒަމަށް ރާއްޖޭގައި ފުރުސަތު ހުޅުވާލުމަކީ ރައީސް މުއިއްޒު އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އާ ދިރުމެއް އަންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ހަލާލް ޓޫރިޒަމްގައި ދޫކުރާ ރަށްރަށް ނިންމަން ތިން އަހަރު ދުވަސް ލިބޭއިރު، ރިސޯޓުތަކުގައި އިސްލާމީ އުސޫލުތަކަށް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެގޮތުން އެ ރިސޯޓުތަކުގައި ވިއްކޭނީ ވެސް ހަލާލް ސެޓިފައިޑް ކާބޯތަކެތި އެކަނި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

