ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މި އިދާރާ އުފެއްދެވިކަން އިއުލާނު ކުރައްވާފައިވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ އެމްބަސީއެއް ގަތަރުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ތައުލީމީ، ސިޔާސީ، އިގުތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްޓަކައެވެ.

ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ބަޔާންކޮށްފައިވެއެވެ.

އަދި މި އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންވެސް ބަޔާންކުރައްވާފައިވެއެވެ.

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 502އެވެ.