ސިންގަޕޫރުގައި އޯކިޑު މަލަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންގެ ނަމުން ނަން ދީފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ނަމުން އޯކިޑް ހައިބްރިޑަކަށް ނަން ދީފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ކުރެއްވި ޒިޔާރަތުގައި ނަން ދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ”ވީއައިޕީ އޯކިޑްސް“ ކަލެކްޝަންގައި އަލަށް ނަން ދީފައިވާ އޯކިޑް ހިމަނައިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ ދެކަނބަލުން ވަނީ އެ ބަގީޗާއަށް ޒިޔާރަތްކުރާ މީހުންގެ ފޮތުގައި ސޮއިކުރައްވައި، ބަގީޗާގެ ތާރީހާއި ދަތުރުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވައިލައްވާނީ އަންނަމަހުގެ ދެވަނަ ދުވަހުއެވެ.