ރާއްޖެ އިން ބާރުއަޅަނީ މިންތީގެ ހަމަހަމަކަން މަޖިލީހުގައި ގާއިމުކުރަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޕާލަމެންޓޭރިޒަމް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ރަނގަޅު ވެރިކަމެއް ކުރުމަށާއި ޑިމޮކްރަސީ ދަމަހައްޓަން މަޖިލީހަކީ މުހިންމު އިދާރާއެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ މުހިންމު މަސައްކަތެއް ކުރަމުން އަންނަ ތަނެއްގައި އަންހެނުންގެ އަދަދު މަދުވުމަކީ އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ބޮޑު މައްސަލައެއް ކަމަށެވެ.
”ރާއްޖެއިން މަސައްކަތްކުރަނީ މަޖިލީހަކީ މިންތީގެ ހަމަހަމަކަން ގާއިމުވެފައިވާ ތަނަކަށް ހެދުމަށް. އަދި މަޖިލީހަކީ އެންމެން ޝާމިލުވާ ތަނަށް ހެދުމަށް“ ރައީސް ވިދާޅުވިއެވެ.
މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާތަނެއްކަން ކަށަވަރުކުރަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

