ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް، އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މާލެވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.
މި ދަތުރުފުޅުގައި، އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ.
އެގޮތުން، ގާބިލުކަން އިތުރުކުރުމުގެ ދާއިރާއިންނާއި، ތިމާވެށީގެ ތަރައްޤީގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ވަނީ ސޮއިކުރައްވާފައެވެ.
މީގެ އިތުރުން، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާ އެކު ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ.
އަދި ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައި، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އޭ.ޕީ.އެމް އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
2025 ވަނަ އަހަރަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާ އަހަރުކަމަށް ވާތީ، ދެ ގައުމުގެ 50 އަހަރުވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވާލައްވާފައިވާ ހާއްސަ ފޮތެއް، ރައީސް ވަނީ، ސިންގަޕޫރުގެ ރައީސަށް ހަދިޔާ ކުރައްވާފައެވެ.
އަދި ރައީސް މުއިއްޒު އާއި ރައީސް ތަރްމަން ޝަންމުގަރަނަމް ވަނީ، މި މުނާސަބަތާ ގުޅޭ ހަނދާނީ ސްޓޭމްޕް އިފްތިތާހު ކޮށްދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މޯލްޑިވްސް-ސިންގަޕޯރ ބިޒްނަސް ފޯރަމްގައި ދިވެހި ސަރުކާރުން ވަނީ، ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ވަކިވަކި ފަރުދުންނާއި ޖަމުއިއްޔާ ޖަމާއަތްތަކުގެ އަގުވަޒަންކުރައްވައި އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފައެވެ.
މި ފޯރަމްގައި ވަނީ، 2040 ވަނަ އަހަރަށް ދިވެހި ސަރުކާރުން ދެކޭ ތަސައްވުރާ ގުޅުންހުރި ވުނަކުރުމުގެ ފުރުސަތުތައްވެސް ހިއްސާކުރައްވާފައެވެ.
މި ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވާފައިވެއެވެ.
އަދި މި ދަތުރުފުޅުގައި، އެ ގައުމުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނާއި އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި، ޓުއަސް ޕޯޓާއި، ޕްރާނަކަން ދާރުލްއާސާރާއި، ސިންގަޕޯ ފުޑް އޭޖެންސީއަށް ޒިޔާރަތްކުރެއްވިއެވެ.
ރައީސް ސިންގަޕޫރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ވެގެންގޮސްފައިވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެތައް ދޮރުތަކެއް ހުޅުވިގެންދިޔަ މުހިންމު ދަތުރުފުޅަކަށެވެ.

