ބައިނަލްއަގްވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިސްލާހުތައް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވާހަކަފުޅުދައްކަވައިފިއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލް 6: ”ރިފޯމިންގ ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް އެޑްރެސިންގ ސިސްޓެމިކް އިޝޫސް“ ގައި ތަގުރީރު ކުރައްވަމުންނެވެ.
ދުނިޔޭގެ މާލީ އޮނިގަނޑު އިސްލާހު ކުރުމަށް ވަގުތުން އަޅަންޖެހޭ މުހިންމު ތިން ފިޔަވަޅެއް ފާހަގަކުރައްވަމުން، ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)، ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކުގައި ހަމަހަމަކަމާއެކު ތަމްސީލުކުރޭތޯ ޔަގީންކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މިގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކޯޓާތައް އަދާހަމަކުރުމާއި، ވޯޓުދިނުމުގެ ހައްގު އިތުރުކުރުމާއި، ނިންމުންތައް ނިންމުމުގެ ގަވައިދުތައް އިސްލާހު ކުރުމާއި، ބޯޑުތަކުގައި ބައިވެރިވުން ފުޅާކުރުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި، މާލީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާކުރުން ހިމެނެއެވެ.
އަދި އެކަށީގެންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރަނީގެ މައްސަލަ ވިލުންތެރި ގޮތެއްގައި ހައްލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ނައިބު ރައީސް ވަނީ އިތުރު ދަރަންޏަކަށް ބަރޯސާނުވެ ’ވިލުންތެރިކަން ބިނާކުރުމަށް ދަރަނިން ލުއި ލިބޭ‘ ނިޒާމެއް ގާއިމުކުރުމަށް ގޮވާލައްވައިފައެވެ.
މީގެ އިތުރުން، ދެފުށްފެންނަ މިންވަރު އިތުރުކުރުމާއި، ބައިނަލްއަގްވާމީ އެއްބާރުލުން ބޮޑުކުރުމާއި، ސިޑްސް އަށް އިންސާފުވެރި ކްރެޑިޓް ރޭޓިންގްއެއް ޤާއިމުކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

