ރާއްޖޭގެ ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކޮށް އިތުރު ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އިމާރާތްކުރުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މި ބީލަންތައް ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލާއި އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތަށެވެ.

މިގޮތުން ފުލުހުންގެ މަރުކަޒު އިމާރާތްކުރާ ރަށްތަކަކީ ލ. މާވަށާއި، މ. މުލި، ރ. މަޑުއްވަރި، ށ. ފީވަށް، ތ. ތިމަރަފުށި އަދި އެ އަތޮޅު ވޭމަންޑޫއެވެ. 

ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އިމާރާތްކުރަނީ ހއ. ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ.

އެ މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 72،250ރ. އާއި 212،500ރ. އާ ދެމެދުގެ އަގެކެވެ.

މި ޕްރޮޖެކްޓްތަކަށް މިމަހުގެ 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން ބިޑް ހުށަހަޅަންޖެހެއެވެ.