މުޅި ދުނިޔެއަށް މިހާތަނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށް ވެފައިވަނީ، ރިބާގެ ނުރައްކާތެރި ވަބާ ކަމަށް ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު އަކީ ”ހަލާލު ގޮތުގައި މާލީ މުއާމަލާތްތައް ކުރުން“އެވެ.

ރިބާގެ ސަބަބުން އިގްތިސާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމައުގެ ތެރޭގައި އޮންނަންޖެހޭ އިގްތިސާދީ އަދުލުވެރިކަން ނެތި ކޮށްލާކަން ފާހަގަކުރައްވައި ހުކުރު ހުތުބާގައި ވިދާޅުވީ، އަހަރެމެން ކެއުމުގައި ހަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހަދަންޖެހޭކަމަށެވެ.

ތިމާގެ އަނބިދަރީންގެ ކެއުމާއި، އަންނައުނާއި، ބޯހިޔާވަހިކަމަކީ، ރިބާގެ މުޢާމަލާތުތަކުން ހޯދި ފައިސާއިން ގަނެ ފޯރުކޮށްދޭ އެއްޗެއްކަމުގައި ނެހެދުމަށް މިއަދުގެ ހުތުބާގައި ނަސޭހަތް ދެއްވިއެވެ.

ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތި މައްޗަށް އިތުރުކުރުވާ ނުރައްކާތެރި އެއްޗެއްކަން ހަނދާންކޮށްދެއްވާ ހުތުބާގައި ވިދާޅުވީ، ރިބާއަކީ އުހުރަވީ ހަޔާތުގައިވެސް ވޭންދެނިވި އަޒާބާ ކުރިމަތިލާން ޖެހޭނެ އެއްޗެއްކަމަށެވެ.

އަދި އިންސާނާގެ ޙަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުއާމަލާތުތަކާ މެދު ފަރުވާތެރިވުން މުހިންމު ކަމަށް ވެސް ހުތުބާގައިވެއެވެ.

މީގެއިތުރުން، މީގެ ކުރިން މަޖުބޫރު ހާލަތެއްގައިތިބެ ރިބާ ހިމެނޭ ލޯނުތަކާއި، އިންޝުއަރަންސް ނަގާން ޖެހުނު ކަމުގައި ވިއަސް، މިއަދު މިވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް މާލީ މުއާމަލާތު ހިންގޭނެ މަގު ތަނަވަސްވެފައި ކަމަށް ހުތުބާގައި ފާހަގަކުރައްވައިފައިވެއެވެ.