ރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތަކެއް ގެންގުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ، ސާތީ، ހުސައިން ޝާނިމު (24އ)އެވެ.

ފުލުހުން ބުނީ ޝާނިމް ހައްޔަރުކުރީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ޝާނިމްއާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކޮށް 338.51 ގްރާމްގެ މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ އަތުލައިެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޝާނިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.