ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކަ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގު ކުރައްވައިފިއެވެ.

މިނިސްޓަރު ސައީދު މިކަން ދޮގުކުރައްވާފައި މިވަނީ ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތާ ގުޅިގެންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އެކަމާ ގުޅޭގޮތުން ބައްދަލުވުމެއްވެސް ބާއްވާފައިވާ ކަމަށެވެ.

މި ވާހަކަތައް ދޮގުކުރައްވައި، ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އެއްވެސް ފަރާތަކަށް ވިއްކާލަން މި ސަރުކާރުން ނޫޅޭ ކަމަށެވެ. އަދި އެއީ ބުހުތާނު ދޮގެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.