ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ 4) ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވިލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ އެފް.އެފް.ޑީ.4 ގެ ހުޅުވުމުގެ ރަސްމިއްޔާތާއި އަދި މަތީ ފެންވަރުގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
އަދި އެމަނިކުފާނު ވަނީ މިކޮންފަރެންސްގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލް 6: ”ރިފޯމިންގ ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް އެޑްރެސިންގ ސިސްޓެމިކް އިޝޫސް“ ގައި ތަގުރީރު ކުރައްވާފައެވެ.
ނައިބު ރައީީީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ މާލީ ނިޒާމު އިސްލާޙުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްއަށް ހަމަހަމަ ތަމްސީލުކުރުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށާއި، އިންސާފުވެރި ކަމާއެކު ކްރެޑިޓް ރޭޓިންގ ދިނުމަށް ގޮވާލައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެއިން އިސްނަގައިގެން މި ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިތުރު ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތްތަކުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތައް ފާހަގަކުރައްވާފައެވެ.
މީގެ ތެރޭގައި މުރަކަ އިންޝުއަރެންސް އިނީޝިއޭޓިވް ތައާރަފުކުރުމާއި، ޒުވާނުންނާއި އަންހެނުން ހިންގާ ވިޔަފާރިތަކަށް އިސްކަންދީގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެމްއެސްއެމްއީ) ތަކަށް އަހައްމިއްޔަތުކަން ދިނުން ހިމެނެއެވެ.
މީގެ އިތުރުން، ނައިބު ރައީސް ވަނީ އެފް.އެފް.ޑީ.4ގެ ހަވާސާގައި ކުރިއަށްދިޔަ ”ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް“ އިވެންޓްގައި ބައިވެރިވެވަޑައިގެންފައެވެ.
މި އިވެންޓްގައި އެކިއެކި ގައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އ.ދގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ނައިބު ރައީީސްގެ ވާހަކަފުޅުގައި ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަގީންކަން، ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރީއްކޮޅުގެ އިތުރުން ސްޕެއިންގެ ބޮޑުވަޒީރު ދެއްވި ރަސްމީ ފަރީއްކޮޅުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ދިވެހި ސަރުކާރުގެ އިސް ބޭފުޅުންވެސް ވަނީ މި ކޮންފަރެންސްގެ ތެރޭގައި ބޭއްވި މަތީ ފެންވަރުގެ އެކިއެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެފްއެފްޑީ 4 ކުރިއަށް ދިޔައީ 2025 ޖޫން 30 އިން ޖުލައި 3 ގެ ނިޔަލަށެވެ.

