މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބޭނުންކުރައްވާނެ ލޯގޯއެއް ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ، އެ ލޯގޯ މި އަހަރުގެ ޖުލައި 26 އިން ފެށިގެން 2026 ޖުލައި 25 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފައިވާ ކަމުގައެވެ.
ރައީސް މުއިއްޒު މިގޮތަށް މި ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުންނެވެ.
އަދި މިއާއެކު، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ސަރުކާރު އޮފީސްތަކަށް ދެއްވާނެއެވެ.

