ގައުމެއް ތަރައްގީ ކުރުމުގައި އެ ގައުމެއްގެ ސިއްހަތު ކިތަންމެހައިވެސް މުހިންމުކަމަށާއި، އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫހާނީ ސިއްހަތުވެސް ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވަނީ، ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަޙައްދުގައި ސިއްހީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ.

ވަކީން ހާއްސަކޮށް ފަންނިއްޔާތާއެކު ސިއްހީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ރައީސް އިފްތިތާހު ކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫއުކީ، ދިވެހި ސިއްހީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންޤިލާބީ ބަދަލެއްކަމުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ހިދުމަތްތަކެއްވެސް ވަނީ އިފްތިތާހު ކުރައްވާފައެވެ.

އެގޮތުން، ޓެލެމެޑެސިންގެ ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑޮކްޓަރ އަހުމަދު އަޝްރަފެވެ.

ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ހަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ހަވާލުކުރުންވެސް މި ޖަލްސާގައި އޮތެވެ. އަދި އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ޙަވާލުކުރުންވެސް އޮތެވެ.

މީގެ އިތުރުން، ހޮސްޕިޓަލަށް ހިދުމަތްކުރައްވައި، ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ހަނދާނީ ފިލާ ހަވާލުކޮށްދެއްވުން މި ޖަލްސާގައި އޮތެވެ.

މި އެވޯޑްތައް ބައްސަވައިދެއްވީ ރައީސްގެ އަނބިކަނބަލުންނެވެ.