ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ އަދުލު އިންސާފުގެ ދާއިރާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިވާ ވެރިއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ.
ފަލާހު ވިދާޅުވި، ރައީސް މުއިއްޒު ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، އެކަން ކުރެއްވިކަމުގެ އެއްވެސް ހެއްކެއް އިދިކޮޅު ފަރާތްތަކަށް ދެއްކެން ނެތް ކަމަށެވެ.
”އިއްޒަތްތެރި ރައީސް އަޅުގަނޑުމެންގެ މިއަދުގެ މިވެރިކަމަށް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަކީ މިހާހިސާބަށް އައިއިރު އަދުލު އިންސާފުގެ ދާއިރާއަށް އެންމެ، އެންމެއެއް ނޫން އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާފައި ނެތް ރައީސެކޭ ދަންނަވަން ކެރިދާނެ، އެއީ ޝައްކެއް އޮތް ކަމެއް ނޫން“ ފަލާހު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި އޭނާ ވަނީ އެ ޕާޓީގެ ވެރިކަމުގައި ފަނޑިޔާރުގެއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވިކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން، އެ ޕާޓީގެ ވެރިކަމުގައި އެންމެ އަހަރެއްގެ ތެރޭގައި އަށް ފަނޑިޔާރުން ވަކި ކުރިކަމަށް ވިދާޅުވިއެވެ.

