ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު އެ ގައުމަށް ފުރާވަޑައިގަތީ ހަޟާރަތްތަކާ ގުޅޭ ގޮތުން ބާއްވާ 11 ވަނަ ނީޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ފޯރަމް މި މަހުގެ 9 އާއި 10 އަށް ކުރިއަށް ދާނީ ޗައިނާގެ ޗޫފޫ ސިޓީގެ ޝެންޑޮންގް ޕްރޮވިންސްގައެވެ.

ފޯރަމްގައި ހަޟާރަތްތައް އުފެދުނު ގޮތާއި ކުރިއަށް އޮތް ތަނުގައި ކުރިއަރާ ދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ. ފޯރަމްގައި އެކި ގައުމުތަކުން 800 އަށް ވުރެ ގިނަ ތަޖުރިބާކާރުންނާއި އިލްމުވެރިން ބައިވެރިވާނެއެވެ.

ނައިބު ރައީސް ޗައިނާއަށް ފުރާވަޑައިގެންނެވިއިރު، މިދިޔަ ހަފުތާގައި ސްޕެއިނަށް ކުރެއްވި ދަތުރު ނިންމަވާލައްވައި ރާއްޖެ ވަޑައިގަތީ 6 ވަނަ ދުވަހުއެވެ.