ލިޔުންތެރިން ވާންޖެހޭނީ، އަމިއްލަ ދީނާއި އަމިއްލަ ގައުމާއި، ވަތަނުގެ ދިފާއުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ، ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
ލިޔުންތެރިންގެ ދައުރެއް ނެތް ދާއިރާއެއް ގައުމެއްގައި ނިސްބަތުން ނޯންނަކަން ފާހަގަކުރައްވަމުން އެމަނިކުފާނުގެ ހިތާބުގައި ވަނީ، ފަރުދީ، މަދަނީ އަދި ބައިނަލްއަގުވާމީ ގުޅުންތަކުގެ އިތުރުން ދީނީ، ތައުލީމީ، ވިޔަފާރި އަދި ސިޔާސީ ދާއިރާގައިވެސް ލިޔުންތެރިން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި މި ހުރިހާ ދާއިރާއެއްގައި ލިޔުންތެރިންގެ ދައުރު އޮންނަ ހިނދު، ގައުމީ ހިދުމަތުގައި ލިޔުންތެރިން އަދާކުރަން ޖެހޭ ޒިންމާ އާއި ލިޔުންތެރިކަމުގެ ހައްސާސް ޒާތުގެ މަތިން އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ.
އެގޮތުން ލިޔުންތެރިންގެ ފިކުރުތަކާއި ހިޔާލުތަކުން ގައުމުތައް ބިނާކުރެވޭކަމަށާއި، ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ގެއްލުން ލިބޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ހިތާބުގައި ވަނީ ދިވެހި ގައުމު ބިނާކުރުމުގައި، ލިޔުންތެރިން އެކި ދާއިރާތަކުން މުހިންމު ހިދުމަތްތައް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.
އަދުގެ ލިޔުންތެރިންނަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވަނީ، ދިވެހީންގެ މަސްލަހަތާއި ކުރިއެރުމަށްޓަކައި ގަލަންތައް ހަރަކާތްތެރި ކުރުވުމަށާއި، އާ ހިޔާލުތަކާއި އާ ތަސައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިކުރުމަށެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ރައީސް ވަނީ، ދިވެހި ބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ގައުމީ ޒިންމާގެ އަގުވަޒަންކުރައްވައި، ލިޔުންތެރިންނަށް ތައުރީފުގެ ބަސްތަކާއި ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ ”ލިޔާށެވެ. މަގުދައްކާށެވެ.“ މިއެވެ.

