ލ. ފޮނަދޫގައި ބަންކަރިންގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ، އެ މަޝްރޫއު ކުރިއަށް ގެންދަން ޝައުގުވެރިވާ ގާބިލު ކުންފުނިތަކާ އެއްކޮށް މަޝްވަރާ ކުރާނެ ކަމަށެވެ.
އެ ކުންފުނިތަކުން ހުށަހަޅާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، އެސެސްމަންޓެއް ހަދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މަޝްރޫއު ކުރިއަށް ގެންދާނެ އެންމެ ރަނގަޅު ގޮތް ރޭވުމަށް ފަހު ރަސްމީކޮށް މަޝްރޫއު އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މަޝްރޫއުގެ ދަށުން ތެޔޮ ރައްކާ ކުރާ ތަނަކާއި ފްލޯޓިން ޓޭންކުގެ އިތުރުން މެރިން ސަޕޯޓަށް ބޭނުންވާ ތަންތަން ތަރައްގީ ކުރަން ޖެހޭއިރު، ބަނދަރުން ފަސޭހަކޮށް ހިދުމަތް ދެވޭނެ ކުއޭއަކާއި ބްރޭކް ވޯޓާއެއް ވެސް ގާއިމުކުރަން ޖެހެއެވެ.
އަދި، ޔުޓިލިޓީ ޚިދުމަތްތަކަށް ބިން ހިއްކުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީއައިއޯ ހުށަހަޅަން ދިނީ މިއަދުން ފެށިގެން މަސް ދުވަހުގެ މުއްދަތެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހު ހަތަކަށެވެ.
ޕީޑީއެފްކޮށް އީއައިއޯ ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ.

