އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗު)ގެ އައިނު ފިހާރަ މި މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.
ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މި މަހު އައިނު ފިހާރައިގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވާފައި ހިދުމަތް ފޯރުކޮށްދޭން ފަށާނަން،“ ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް މި ހިދުމަތް ފަށަން ނިންމައިފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން އައިނުގެ ވިޔަފާރި ފަށަން ނިންމިއިރު، ނަންބަރު އައިނު ހެދުމަށް އާސަންދައިން 2000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ މި ނިންމުން އިއުލާންކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.

