މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި، ބޮޑު ތަރުހީބެއް ލިބި، 1200 އަށްވުރެ ގިނަ ޒުވާނުން އެކަމަށް ކުރިމަތިލައިފިއެވެ.
ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރުމަށްޓަކައި ސަރުކާރުން ވަނީ މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ނަމުގައި ގައުމީ މަޝްރޫއުއެއް ފައްޓަވާފައެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށްވެސް ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.
އަދި މިހާރު ކުރިމަތިލާފައިވާ ކުދިންގެ ތަރުތީބުން ތަމްރީނުން ޖާގަ ލިބިފައިވާ ގޮތައި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރާނެކަމަށްވެސް ބުންޏެވެ.
މިގޮތުން ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއި ފުރަތަމަ ބުރުގެ ރިޒާވްގައި ހިމެނޭ ފަރާތްތަކަށްވެސް އެ މައުލޫމާތު ހިއްސާކުރާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި މިޕްރޮގްރާމަށް މީހުން ނެގުމުގެ މަރުހަލާ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ކޮންމެ ކެންޑިޑޭޓަކުވެސް ސެލެކްޝަން ޕްރޮސެސްކުރިއަށްގެންދިޔުމަށް ހާޒިރުވާންޖެހޭނީ އެންމެ ކައިރީގައި ހުރި ސްޓޭޝަނަކަށެވެ.
ނެޝަނަލް ސަރވިސްގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްގީ ކުރުން ހިމެނެއެވެ.

