އިންވެސްޓަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށް، ފިނޭންސް މިނިސްޓްރީން މައުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، މިއީ ރާއްޖޭގެ އިގްތިސާދާއި މާލިއްޔަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ސެޝަން ބޭއްވުނީ ރާއްޖޭގެ މާލީ އަދި ފިސްކަލް ކަންކަމާ ބެހޭގޮތުން އިންވެސްޓަރުންނަށް މައުލޫމާތުދީ، އެފަރާތްތަކުގެ ހުރި ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، މި ސެޝަނުގައި، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ތަފްސީލީ މަޢުލޫމާތު ދީފައިވާ ކަމަށެވެ.

މި ސެޝަންގައި އިންވެސްޓަރުންނަށް މަޢުލޫމާތު ދެއްވާފައިވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ.

މީގެއިތުރުން މި ދެ އޮފީހުގެ އިސްވެރިން ވެސް މި ސެޝަންގައި ބައިވެރިވެ، އިންވެސްޓަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވެއެވެ.